ޕްރޮސިކިއުޓަރ ޖެނެރަލްގެ ގަލަމުން
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައި 4 ވަނަ އިޞްލާޙާއެކު، މީގެ ކުރީގެ ކުށުގެ ރެކޯޑެއް ނެތިފައި، އެމީހަކަށް ކުރެވުނު ކުށަށް އެއްބަސްވާނަމަ، އެމީހާ ކުށުން ދުރުހެލިވެ، އަލުން އަނބުރާ މުޖްތަމަޢަށް ރުޖޫޢަވުމަށް ބާރު އެޅުމަށްޓަކައި، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމުގެ ބަދަލުގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާހައި ހިނދަކު، ކުށުގެ ރެކޯޑެއް އޮތް ކަމަކަށް ނުދައްކާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭނާ ކުށެއް ނުކުރާ ފަދައެވެ. ވަޒީފާ ލިބުމާއި، އެނޫންވެސް ކަންކަމުގައި، ކުށުގެ ރެކޯޑެއް އޮވެގެން ދިމާވާ މައްސަލަތަކެއް ދިމައެއް ނުވާނެވެ
އިޢުތިރާފުވެގެން އަދަބު ކުޑަކޮށްލުމުގެ ފުރުޞަތު
ޖިނާއީ ކުށާއި، ކުށުގެ އަދަބަކީ ޤާނޫނުގައި ކުރިން ކަނޑައެޅިފައިވާ އެއްޗެކެވެ. ޤާނޫނު އޮތް ގޮތުން، ކުށަށް ދެވޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބެކެވެ
ނަމަވެސް ކުށެއް ކުރުމަށްފަހު އެ ކުށަށް އިޢުތިރާފުވެ، ކުށުގެ ޒިންމާ އުފުލާ މީހުންނަށް ޖިނާއީ ޤާނޫނު ލުއި ގޮތްތައް ހޯދައިދެއެވެ. ކުދި ކުށްތަކަށް އިޢުތިރާފުވުމުން ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ވުމުގެ ފުރުޞަތު އޮވެއެވެ. އެނޫން މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވުމަކީ، ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށްވުރެ ކުޑަ އަދަބެއް ދިނުން ހުއްދަކުރާ ޙާލަތެކެވެ. އެކަމުގެ ސަބަބުން ދައުލަތާއި ދައުވާލިބޭ މީހާގެ ވަގުތާއި ޚަރަދު ކުޑަވާ ކަމެކެވެ
"އާމަހި"
އާއެކު މަޢުލޫމާތު އާންމުކުރުމަށް ބޮޑު ބަދަލެއް
ޤާނޫނުއަސާސީގެ 221 ވަނަ މާއްދާގައި އޮތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރާންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ކަމަށެވެ
ޢާންމުކުރާ މަޢުލޫމާތާއި ހިސާބު – "އާމަހި" އަކީ މި އޮފީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަމާއެކު ޢާންމުނަށް ފެންނާނެގޮތް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތަށް މިދިޔަ އަހަރު ޑިސެންބަރު މަހު އިތުރުކުރި ބޮޅެކެވެ. "އާމަހި" އަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދުވަހުން ދުވަހަށް ކުރާ ހުރިހާ މަސައްކަތެއްގެ ތަފާސްހިސާބު ހިމެނޭ ވެބްސައިޓެކެވެ. އާމަހި ފަރުމާކޮށްފައިވާނީ އޮޓަމެޓިކުން ޑާޓާ އެއްކޮށް، ރިޕޯޓްކުރާ ގޮތަށެވެ
ހެކިބަސް ދިނުމަށް މިހާރު ލާޒިމުކުރެވޭ
ހެކިބަސް ދިނުމަށް ގޮވާލުމުން، އެމީހަކަށް އެނގިހުރި މިންވަރަކުން ހެކިބަސް އަދާކުރުމަކީ އިސްލާމީ ޝަރީޢަތުގައި ބާރުއަޅުއްވައި އަމުރުކުރައްވާފައިވާ ކަމެކެވެ
ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ގޮތް ނިންމޭނީ ހެކީގެ މައްޗަށެވެ. އޭގެ ތެރެއިންވެސް އެންމެ ބާރުގަދައީ ކަމެއް ދުށް ނުވަތަ ތަޙައްމަލުކުރި މީހަކު ޝަރީޢަތުގައިދޭ ބަޔާނެވެ. ނުވަތަ ހެކިބަހެވެ. ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ވަކި ޙާލަތްތަކެއްގައި ހެކިން ކޯޓަށް ޙާޟިރުވެ ހެކިބަސް ދިނުމަށް ލާޒިމުކުރެވިދާނެއެވެ. އެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ވަކިކަމެއް ސާބިތުކުރުމަށް ހެކިބަސްދޭނެ އެހެން މީހަކު ނެތް ޙާލަތުގައި އަދި އެ ހެކިވެރިޔާގެ ހެކިބަހުން ނޫނީ ސާބިތުކޮށްދެވެން ނެތް ކަންކަމާ ގުޅިގެން، ހެކިންނަށް ކޯޓަށް ޙާޟިރުވެ ހެކިބަސްދިނުން ލާޒިމު ކުރެވެއެވެ. ނަމަވެސް، މިއުޞޫލުގެ އިސްތިސްނާއެއް ޤާނޫނުގައި އެބައޮތެވެ. އެއީ، މައިންބަފައިންނާއި ދަރިންނާއި އަނބިފިރިންނަށް، އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސްދިނުން ލާޒިމުކުރެވޭނީ ވަކި ޚާއްޞަ ޙާލަތްތަކެއްގައި، ވަކި ބާވަތްތަކެއްގެ މައްސަލަތަކުގައި ކަމަށް އޮތް އިސްތިސްނާއެވެ
ޝަރީޢަތުގެ ވަގުތު ސަލާމަތްކުރުމަށް ލިޔުންތަކުގެ ޚުލާޞާ ހުށަހެޅިދާނެ
ޖިނާއީ މައްސަލަތައް ސާބިތުކޮށްދިނުމުގެ މިންގަނޑަކީ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" ކަމަށްވެފައި، ހެކި ހުށަހަޅައިގެން އެ މިންވަރަށް ކަމެއް ސާބިތުކުރުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ
މީހެއްގެ މައްޗަށް ކުށެއް ކުރިކަން ސާބިތުވާނީ އޭނާ އެ ކުށްކުރިކަމުގެ އެކަށީގެންވާ ޝައްކެއްނެތި ސާބިތުކޮށްދީގެންނެވެ. މި އަސާސް އެގޮތުގައި ހިފެހެއްޓުމާއެކު، ކޯޓު މަރުޙަލާ އަވަސް ކުރުމަށް ހޯދިދާނެ ބައެއް ފަރުވާތައް ހެއްކާބެހޭ ޤާނޫނުގައި އެބަހުއްޓެވެ
ޢާންމު އުޞޫލަކީ، ޝަރީޢަތަށް ހެކީގެ ގޮތުގައި ލިޔުމެއް ހުށަހަޅާނަމަ ހުށަހަޅަންޖެހެނީ އޭގެ އަޞްލެވެ. ނަމަވެސް އެއްފަހަރާ ގިނަ ލިޔުންތަކެއް ހުށަހަޅާ ޙާލަތުގައި، އެ ލިޔުންތައް ދިރާސާކުރުމަށް ޝަރީޢަތަށް ބުރަ ބޮޑުވެ، ގިނަ ވަގުތު ހޭދަވެދާނެކަމަށް ފެންނަ ޙާލަތުގައި، އެ ލިޔުންތައް ދިރާސާކޮށް އެއިން ދޭހަވާ ނަތީޖާއާމެދު މީހަކަށް ހެކިބަސް ދެވިދާނެއެވެ. އަދި އެ ލިޔުންތަކުގެ ޚުލާޞާއެއް ކޯޓަށް ހުށަހެޅިދާނެއެވެ. މިއީ ހެއްކާބެހޭ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލެވެ
ހެއްކާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް
ހެއްކާބެހޭ ޤާނޫނު ވުޖޫދުވެ ޢަމަލުކުރަން ފެށުމަށް އޮތް 6 މަސްދުވަހުގެ މުއްދަތުގައި، އެ ޤާނޫނަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް މި އޮފީހުން އިސްވެ ފަށާފައިވާނެއެވެ. ޓްރެއިނިންގ ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމެވެ
މި މަސައްކަތުގެ ތެރެއިން މި އޮފީހުގެ ހުރިހާ ޕްރޮސިކިއުޓަރުން ވަނީ ޤާނޫނަށް ތަމްރީނުކުރެވިފައެވެ. އަދި ޤާނޫނު ކިޔަވައިދިނުމަށްޓަކައި މި އޮފީހުގެ 18 ޕްރޮސިކިއުޓަރުންގެ ޓީމެއް ގެންދަނީ ކެނޑިނޭޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓްރެއިނިނިގް ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، އިންވެސްޓިގޭޓަރުންންނާއި ޖުޑީޝަރީގެ މުވައްޒަފުން ހިމެނޭ ގޮތުން 1000 އަށްވުރެ ގިނަ މީހުންނަށް 390 އެއްހާ ގަޑިއިރުގެ ޓްރެއިނިންގ މި އޮފީހުން ވާނީ ހިންގާފައެވެ
މި އޮފީހުން ބައިވެރިވެފައިވާ ތަމްރީނު ޕްރޮގްރާމްތަކާއި، މިއޮފީހުން ހިންގާފައިވާ ތަމްރީނު ޕްރޮގްރާމްތައް
އަހަރުގެ މިހާތަނަށް މި އޮފީހުން ބައިވެރިވި ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމުތައް
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރުގައި ބޭއްވި 4 ތަމްރީނު ޕްރޮގްރާމެއްގައި، މި އޮފީހުގެ 6 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕްރޮސިކިއުޓަރުންނާއި، އިދާރީ މުވައްޒަފުން ހިމެނެއެވެ. މި ޓްރެއިނިންގތަކުގެ ތެރޭގައި ޕްރޮސިކިއުޝަންގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ޕްރޮގްރާމްތަކާއި، އިދާރީ މަސައްކަތްތަކާ ގުޅޭ ޕްރޮގްރާތައް ހިމެނެއެވެ
މިއޮފީހުން ހިންގާފައިވާ ތަމްރީނު ޕްރޮގްރާމްތައް
ހެއްކާބެހޭ ޤާނޫނަށް މީހުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމްތަކުގެ ބޭރުން، ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން މިއޮފީހުން 11 ޓްރެއިނިންގ ސެޝަން ހިންގާފައިވާނެއެވެ. މީގެ ތެރޭގައި އިންވެސްޓިގޭޝަނާ ގުޅޭ ދާއިރާތަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ޖެންޑަރ އިކުލއަރލިޓީ ޤާނޫނާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާއި، ކޯޓުތަކުން ނިންމާ މައްސަލަތަކާ ގުޅިގެން ރިޕޯޓްތައް ތައްޔާރުކުރުމާ ގުޅޭގޮތުން މީޑިއާއަށް އަމާޒުކޮށް ބޭއްވުނު ޕްރޮގްރާމްތައް ހިމެނެއެވެ.